މާލެ ސިޓީގެ ކުރިމަގާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ، މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލު އިންތިހާބުކޮށްގެން ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދިޔަ ”ދޮރުން ދޮރަށް“ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި ސަރުކާރާ ވިސްނުން އެއްގޮތް ބޭފުޅުން ކައުންސިލުތަކުގައި ތިއްބެވުމަކީ ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމެކެވެ. އަދި ބައެއް ފަހަރު ސަރުކާރާ ވިސްނުން ތަފާތު ބޭފުޅުން ކައުންސިލުތަކަށް ވަޑައިގެން ސަރުކާރުގެ ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރާކަން މަހުލޫފް ފާހަގަކުރެއްވިއެވެ.
، ”އަޅުގަނޑު މީގެ ކުރިން ސްޕޯޓްސް މިނިސްޓަރަކަށް ހުރިއިރު އެބަހުރި އެކަހަލަ ބައެއް ކަންކަން ދިމާވެފައި. ސަރުކާރުން އެބޭނުންވާ ކަންކަން ކުރުމަށް ދަތިތަކެއް ދިމާވެފައި،“ މިކަމާ ގުޅޭގޮތުން އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން މަހުލޫފު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތައް ހަމަޖެހިގެންދަނީ ދައުލަތުގެ ބަޖެޓުން ސަރުކާރު މެދުވެރިވެގެން ކަމަށްވާތީ، އެ ފައިސާ ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ބޭނުންކުރުމަކީ ކަންކަން އަވަސްވެ ފަސޭހަވާނެ ގޮތް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މިއަދު ރައީސް ޒިޔާރަތްކުރެއްވި ގަލޮޅު ދެކުނު ދާއިރާއަކީ 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް މަހުލޫފު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރެއްވި ދާއިރާއެވެ.
އޭގެ ފަހުން މަހުލޫފް ވަނީ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރައްވާފައެވެ.



