ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރ. އިންނަމާދޫގައި ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ސެންޓަރެއް ބިނާކުރުމަށާއި، ރ. ހުޅުދުއްފާރުގައި އެކަމަޑޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ދަށުން، ރ. އިންނަމާދޫގައި ތަރައްޤީކުރާ ޓިވެޓް ސެންޓަރު ޚާއްޞަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ސަގާފީ އަދި އިޤްތިޞާދީ ގޮތުން މުހިންމު ދާއިރާއެއް ކަމަށްވާ ބޯޓް-ބިލްޑިންގ ނުވަތަ ދޯނިފަހަރު ބަނުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށެވެ.
މަސައްކަތުގެ ދުވެލި އަވަސްކުރުމުގެ ގޮތުން ޕްރީ-ފެބް އުސޫލުން އިމާރާތްކުރާ މި ސެންޓަރުގައި ކިޔަވައިދިނުމަށް ބޭނުންވާނެ އެންމެހާ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް އާއެވެ.
ހުޅުދުއްފާރުގައި ޤާއިމުކުރާ އެކަމަޑޭޝަން ފެސިލިޓީއަކީ އެރަށުގައި ކިޔަވާ ދަރިވަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތަރައްޤީކުރާ ތަނެކެވެ. މި ފެސިލިޓީގައި ދަރިވަރުންގެ އާއިލާތަކަށް އެކުގައި ތިބެވޭނެ ފަދަ 2 ކޮޓަރީގެ އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އިތުރުން، ސްޓޫޑިއޯ އެޕާޓްމަންޓްތައް ހިމެނޭނެއެވެ. ކޮންމެ ޔުނިޓެއްގައިވެސް ކެއްކުމާއި ލޯންޑްރީ ފަދަ އަސާސީ ޚިދުމަތްތައް ލިބެން ހުންނާނެއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާއެވެ.
މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، މި މަޝްރޫއުތަކުގެ މައިގަނޑު ބޭނުމަކީ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު ހޯދުމުގެ ފުރުޞަތު ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުން ކަމަށެވެ.
މި މަޝްރޫއުތަކުގެ ސަބަބުން މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި ކޮންމެ ކުއްޖަކަށްވެސް، އެކުއްޖަކު ހުރި ރަށަކުން ނުވަތަ ކައިރި ރަށަކުން މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުންނަށް، ވީ އެންމެ އަވަހަކަށް ޑިޒައިންގެ މަސައްކަތްތައް ނިންމައިދެއްވާ އަމަލީ މަސައްކަތް ފެށުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.




