އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ”ހުޅުމާލެ ރަން 2026“ ގެ ޓައިޓަލް ސްޕޮންސަރކަން އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.
”އެލައިޑް ހުޅުމާލެ ރަން 2026“ ގެ ނަމުގައި ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 މެއި 2026 ގައި ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.
މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކުން ނުހަނު ބޮޑު އިންތިޒާރެއް ކުރަމުން އަންނަ، ރާއްޖޭގައި ބޭއްވޭ ފާހަގަކޮށްލެވޭ އެއް ދުވުމެވެ.
މި ދުވުމުގައި އެކި އުމުރުފުރާތަކަށް ބައިވެރިވެވޭނެހެން ފޯރިގަދަ ހަތަރު ކެޓަގަރީއެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ 1 މައިލް ފެމިލީ ރަން، 5ކިލޯމީޓަރުގެ ދުވުން، 10 ކިލޯމީޓަރުގެ ދުވުން އަދި ތަޖުރިބާކާރު ދުވުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ 21 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނެއެވެ. ޖުމްލަ 2,500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މި ދުވުމަކީ އިޖުތިމާއީ އެއްބައިވަންތަކަމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ދައްކުވައިދޭނެ ހަރަކާތެކެވެ.
އެލައިޑް ހުޅުމާލެ ރަން 2026 ގެ ހާއްސަވާ އެއްކަމަކީ، ހުރިހާ ދުވުންތެރިންވެސް މިދުވުމުގައި ދުވާނީ އެލައިޑް އެކްސިޑެންޓަލް ކަވަރ އަކާއި އެކުގައި ކަމަށާއި، އެލައިޑުން ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވުންތެރިއަކަށްވެސް މިފަދަ ހަރަކާތްތަކުގައި ދިމާވެދާނެ ކުއްލި ހާދިސާއަކަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް މުހިންމު ކަމައް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެލައިޑުން ބުނިގޮތުގައި، މި ދުވުން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން، ދުވުމުގެ އެކި ކެޓަގަރީ ތަކުން ވަނަތައް ހާސިލްކުރާ ފަރާތްތަކަށް އެލައިޑްގެ ފަރާތުން ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެލައިޑް ހެލްތު ކަވަރޭޖާއި އަހަރީ ޓްރެވަލް ކަވަރޭޖް ހިމެނެއެވެ.
މިއީ ދުވުން ނިމުމަށްފަހު ވެސް، ބައިވެރިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެލައިޑުން ބަހައްޓާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެލައިޑުން އިތުރަށް ބުނީ، މި ރަން އަކީ ހަމައެކަނި ދުވުމުގެ މުބާރާތެއް ނޫން ކަމަށާއި، މިއީ އެންމެން ގުޅިގެން ހާސިލުކުރެވޭނެ ކަންތައްތައް ފާހަގަކޮށް އިޖުތިމާއީ ރޫހު އާލާކުރާ ހަރަކާތެއް ކަމަށެވެ.
22 މެއި 2026 ގައި ދުވުމަށް ތައްޔާރުވާ ކޮންމެ ދުވުންތެރިއަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެލައިޑުން ފަހުރުވެރިވާ ކަމެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.



