ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތާރީޚާއި ގުޅުންހުރި އިހުގެ ފޮޓޯ ހޯދުމަށް އެ އިދާރާއިން އިއުލާންކޮށްފިއެވެ.
މި ފޮޓޯތައް ހޯދަނީ، އެ އޮތޯރިޓީގެ ތާރީޚާ ގުޅޭގޮތުން ތައްޔާރުކުރާ ފޮތެއްގައި ބޭނުންކުރުން ކަމަށެވެ.
އެމްއެމްއޭއިން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީއާ ގުޅުންހުރި ތާރީޚީ ފޮޓޯ ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެވެ.
ފޮޓޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ރަސްމީ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. އަދި މިގޮތަށް ހިއްސާކުރާ ފޮޓޯތައް ބޭނުންކުރާނީ އޭގެ ވެރިފަރާތާ އެކު މަޝްވަރާކޮށް، އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ 1981 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ މުއައްސަސާއެކެވެ. އެ އިދާރާ އުފައްދާފައިވަނީ ”އެމް.އެމް.އޭގެ ގާނޫނު (1981)“ ގެ ދަށުން އެ މުއައްސަސާއަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ދަށުންނެވެ.



