2،000 އެއްހާ ފަތުރުވެރީންނާ އެކު އިތުރު ކްރޫޒްލައިނާއެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، ސްރީލަންކާގެ ކޮލަންބޯއިން ފުރައިގެން މިއަދު ރާއްޖެއަށް އައިސްފައިވަނީ ”އެމްވީ ކޮސްޓާ ޑެލިޒިއޯސާ” ކިޔާ ކްރޫޒްލައިނާއެކެވެ.
މި އުޅަނދުގައި ޖުމުލަ 1،855 ފަސިންޖަރުންނާއި، 881 ކްރޫ މެންބަރުން ތިބި ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަނުން ބުނީ މި ކްރޫޒްލައިނާގައި ތިބި ފަސިންޖަރުންނާއި ކްރޫ މެންބަރުންނަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ މަސައްކަތްތައް، އެ މުއައްސަސާގެ ސީޕޯޓް ޑިވިޝަންގެ އޮފިސަރުން މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ”އެމްވީ ކޮސްޓާ ޑެލިޒިއޯސާ“ ރާއްޖެއިން ފުރަން ހަމަޖެހިފައިވަނީ މިއަދުގެ އިރިއޮއްސި 18:00 ގައި ކަމަށެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ވެސް، ”ކުއީން އޭން“ ނަމަކަށް ކިޔާ ބޮޑު ކްރޫޒްލައިނާއެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އެ އުޅަނދުގައި 2،669 ފަތުރުވެރީންނާއި 1،235 ކުރޫއިން ރާއްޖެއަށް އައިސްފައިވެއެވެ.




