ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދުމަށް ޑްރާފްޓުގައިވާ ފޯމުތަކާއެކު ޖުމްލަ 18،036 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ބިމަށް އެދި މިހާތަނަށް 2،513 ފޯމު ސަބްމިޓްކޮށްފައިވާއިރު، 2،851 ފޯމު އިތުރަށް ޑްރާފްޓްގައި އެބައޮތެވެ. ފްލެޓަށް އެދި 3،396 ފޯމު ހުށަހަޅާފައިވާއިރު، ޑްރާފްޓުގައި 8،466 ފޯމް ހިމެނެއެވެ. މީގެ އިތުރުން ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓް ލިބިފައިނުވާ މީހުންނަށް ހާއްސަ ކެޓަގަރީއަށް 953 ފޯމު ހުށަހަޅާފައިވާއިރު، އެ ކެޓަގަރީގެ 220 ފޯމު ޑްރާފްޓުގައި އެބައޮތެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ހުޅުވާލި ”އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން އޭޕްރީލް 17 އާ ހަމައަށް ދީފައިވީ ނަމަވެސް، މިހާރު ވަނީ އެ މުއްދަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ސަރުކާރުން ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ.



