ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް އޮތް ފިތުރު އީދު ދުވަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ތަފްސީލު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ފެށުން ލަސްވެގެން ދިޔައީ ޓެކްސީތަކަށް ބައެއް ބަދަލުތައް ގެންނަން ޖެހުމުން ކަމަށެވެ. ރާއްޖެއަކީ މޫދާ ކައިރި ގައުމަކަށް ވުމުން، ކާރުތަކުގެ ދިގުދެމިގެންދާނެ ގޮތަށް ބައެއް ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ހިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތިން މޮޑެލެއްގެ ކާރުތަކެވެ. އޭގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ތައިލެންޑުން ގެންނައިރު، އަނެއް ދެ މޮޑެލް ގެންނަނީ ޗައިނާއިންނެވެ. މި ކާރުތައް ރާއްޖެ ގެންނާނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗުގެ ކާރުތައް މިއަދު ލަންކާ ޕޯޓަށް ވަންނާނެ ކަމަށާއި، މި މަހުގެ 11 ވަނަ ދުވަހު އެ ތަކެތި ރާއްޖެ ގެނެވޭނެ ކަމަށް އެމްޓީސީސީން ވަނީ މައުލޫމާތު ދީފައެވެ.
ދެވަނަ ބެޗު ގެނެވޭނެ ތާރީހެއް އަންނަ ހުކުރު ދުވަހު ޔަގީންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަހުގެ 18 ވަނަ ދުވަހު ލިމިޓެޑް ހިދުމަތްތަކަކާއެކު ޓެކްސީ ލައިން އިފްތިތާހު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
”އަޅުގަނޑުމެން މި ބަލަނީ މިހާރު މިއޮތް ތާވަލާއި އެއްގޮތަށް މިކަން ކުރެވޭތޯ،“ މިނިސްޓަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ އަމާޒަކީ އީދު ދުވަހަށް ފުރިހަމަ ހިދުމަތް ފެށުމެވެ.
ސަރުކާރުގެ ޕްލޭނަކީ ފުރަތަމަ ބުރުގައި 150 އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން މި ހިދުމަތް ފެށުމެވެ. މި ހިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ނެގުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 122 ޑްރައިވަރުންނަކީ ފުލްޓައިމް މުވައްޒަފުންނެވެ.
މި ޓެކްސީ ލައިންގެ ހިދުމަތް ދޭނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.



