ލުބްނާންގައި ހުންނަ އީރާނުގެ އެމްބަސީއަށް އިސްރާއީލުން ހަމަލާ ދީފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އިސްރާއީލުގެ ހުރިހާ އެމްބަސީއަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު މިކަމުގެ އިންޒާރު ދެމުން ވިދާޅުވީ، ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ހުންނަ އީރާނުގެ އެމްބަސީއަށް ޔަހޫދީ ދައުލަތުން ހަމަލާދީފި ނަމަ، އޭގެ ބަދަލުހިފުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި އިސްރާއީލުގެ ޑިޕްލޮމެޓިކް މިޝަންތަކަށް އީރާނުން ހަމަލާ އަމާޒުކުރާނެ ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިން، އިސްރާއީލުން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. މިކަމާ ގުޅިގެން ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ދަނީ އިސްރާއީލަށް މެދުނުކެނޑި ހަމަލާތައް ދެމުންނެވެ.
އިސްރާއީލުން ވެސް ދަނީ މި ހަމަލާތަކަށް ރައްދުދީ ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ފޮނުވަމުންނެވެ.
ލުބްނާނުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުން ވަނީ ލުބްނާނުގެ އެތެރެއަށް ބޮން އަޅަން ފަށާފައެވެ. މި ހަމަލާތައް ހާއްސަކޮށް އަމާޒުކޮށްފައިވަނީ ބެއިރޫތުގެ ދެކުނުން ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ހަރަކާތްތެރިވާ ސަރަހައްދުތަކަށެވެ.
އިސްރާއީލުން ލުބްނާނަށް ދެމުންދާ މި ހަމަލާތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.




