އިދިކޮޅު އެމްޑީޕީގެ އަސްލު ސިފަ ގެއްލި، އެ ޕާޓީން މިހާރު އުޅެމުން ދަނީ ވަގު ހިޔަޅުތަކެއް އުޅޭހެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަގުމަތީގައި ދަމާފައި ހުރި ޕީއެންސީގެ ބެނާތަކެއްގެ ފޮޓޯއާ އެކު އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓުގައި ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ކުޑަވެ، އެ ޕާޓީގެ ރަންރީނދޫ ކުލަ މިހާރު ގެއްލިފައިވާ ކަމަށެވެ.
އަދި އެމްޑީޕީ މިހާރު ބަދަލުވަމުން ދަނީ ”ފިނޑި ފިނދަނަ ތަކަކަށް“ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޕީއެންސީގެ އެ ބެނާތަށް މުޅި މަގުގައި ދަމާފައި ހުރި އިރު، އެމްޑީޕީގެ އެއްވެސް ބެނާއެއް ފެންނާކަށް ނެތެވެ.
ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމާ އަބްދުލްޣަފޫރު ހަވާލުވެވަޑައިގަތް ހިސާބުން ޕާޓީގެ ކުލަ ފަނޑުވެ، ރައްޔިތުންގެ ތާއީދު ބޮޑުތަނުން ގެއްލިފައިވާ ކަމަށެވެ.
”މިހާރު MDP މިފެންނަނީ ވަގު ހިޔަޅުތަކެއް އުޅޭގޮތަށް އުޅޭތަން“ ޝުޖާއު ވިދާޅުވިއެވެ.
ނިންމާލަމުން ޝުޖާއު ވަނީ ދެއިންތިޚާބު އެއްދުވަހަކު ބާއްވައި ވީހާވެސް ގިނަ ރައްޔިތުންނަށް އެމީހުން އެދޭގޮތް ނިންމުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް 04 އެޕްރީލް 2026 ވަނަ ދުވަހު ލިބިވަޑައިގަންނަވާ ވޯޓް ކަރުދާހުގައި “ އާނއެކޭ“ އަށް ވޯޓުލުމަށް އެދިފައެވެ.



