އިރާނުގެ އާ ސުޕްރީމް ލީޑަރު ހޮވުމުގައި އެމެރިކާގެ ބައިވެރިވުން އޮންނަންޖެހޭނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
އާ ސުޕްރީމް ލީޑަރު ހޮވުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ޓްރަމްޕް މިއަދު ވިދާޅުވީ އިރާނުގެ އާ ސުޕްރީމް ލީޑަރަކަށް ހާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީ ބަލައިނުގަންނާނެ ކަމަށެވެ. އެ މަގާމަށް ބޭނުންވަނީ އިރާނަށް ހަމަޖެހުން ގެނެސްދޭނެ ފަރާތެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މުޖުތަބާ ހާމަނާއީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ވެނެޒުއެލާގެ އާ ލީޑަރު ހޮވުމުގައި އެމެރިކާގެ ބައިވެރިވުން އޮތް ގޮތަށް، އިރާނުގެ އާ ލީޑަރު ހޮވުމުގެ މަރުހަލާގައި ވެސް އެމެރިކާގެ ދައުރެއް އޮންނަންޖެހޭނެ ކަމަށެވެ.
އިރާނުގެ ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ލީޑަރު އިންތިހާބު ކުރާނީ 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ ”އެސެމްބްލީ އޮފް އެކްސްޕާޓްސް“ އިންނެވެ. މި މަޖިލީހުގެ އަގުލަބިއްޔަތުން އާ ލީޑަރަކު ކަނޑައަޅާނެ އެވެ. އީރާންގެ އެންމެ އިސް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ އިތުރުން، ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.




