އިސްލާމީ އުންމަތަށް ނަޞްރެއް ލިބޭނީ އުންމަތް އެކަތިގަނޑަކަށް ވެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ރަމަޟާންމަހުގެ ފަހު ދިހައެއް“ މި މައުޟޫޢަށް މިއަދު ދިން ޚުޠުބާގައި ބުނީ، މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައި ކަމަށެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމީ އުންމަތުގެ ދުޝްމަނުން މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އުންމަތުގެ ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ފެންނަމުންދާ ކަމަށް ޚުޠުބާގައި ބުންޏެވެ. މި ޙާލަތުގައި އިސްލާމީ އުންމަތް އެއްބައިވަންތަވެ، އަޚުވަންތަ ބަޔަކަށްވެ، ސަފުތައް ބަދަހިކުރަން ޖެހޭ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން، އިސްލާމީ މަތިވެރި ޢަޤީދާގައި ސާބިތުވެ، މުޞީބާތާއި ނުރައްކާތެރި ކަންކަމުގެ ކުރިމަތީގައި ކެތްތެރިކަން އިސްކޮށް ޙިކުމަތްތެރިވާން ޖެހޭނެ ކަމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ.
”އިސްލާމީ އުންމަތަށް ނަޞްރެއް ލިބޭނީ އުންމަތް އެކަތިގަނޑަކަށް ވެގެންނެވެ. ބައިބައިވެއްޖެ ނަމަ އުންމަތް ބަލިކަށިވެދާނެއެވެ،“ ޚުޠުބާގައި ބުންޏެވެ.
ރަމަޟާން މަހުގެ ފަހު ދިހައަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޚުޠުބާގައި ބުނީ، ރަޙުމަތުގެ މައްސަރު ވަކިވަމުންދާއިރު، ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކަކީ އަހަރުގެ އެންމެ ހެޔޮ ރޭތައް ކަމާއި، އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ލައިލަތުލްޤަދުރި ވިލޭރޭ ހިމެނޭކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، އެކަލޭގެފާނު ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަން ކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރަސޫލާ ﷺ ފަހު ދިހައިގެ ރޭތަކުގައި އަހުލުވެރިން އަޅުކަމަށް ހޭލައްވައި، އަޅުކަމުގައި ގަދައަޅައި މަސައްކަތްޕުޅު ކުރެއްވި ކަމަށް ޚުޠުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނިގޮތުގައި،ރަމަޟާންމަހު ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި اللهُسُبْحَانَهُ وَتَعَالَىގެ ރަޙުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެކެވެ. ވީއިރު އެރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާންޖެހޭނޭ ކަމެކެވެ.
ލައިލަތުލްޤަދުރިއަކީ އަށްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސްދުވަހު މާތްﷲއަށް އަޅުކަން ކުރުމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއެކެވެ. ވީ އިރު، މި ދަރުމައާއި ސަވާބު ޙާޞިލުވޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
ހުތުބާގައި އިތުރަށް ބުނިގޮތުގައި، އުންމަތުގެ މުސްތަޤުބަލަށް ޓަކައި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް އަދުގެ ޒުވާން ޖީލު އިޚުލާޞްތެރިކަމާ އެކު ޢަޒުމް ކަނޑައަޅާންޖެހެއެވެ. ރަމަޟާން މަހަކީ ނަޞްރާއި ފަތަޙައިގެ މައްސަރެވެ. ރަމަޟާންމަހަކީ ތަރުބަވީ މަދުރަސާއެކެވެ. މިއީ ޒުވާނުންގެ ނަފްސުތައް ތަރުބިޔަތު ކުރަން އޮތް ރަނުގެ ފުރުޞަތެކެވެ.
ހުތުބާގައި ވަނީ މައިންބަފައިން ޒުވާނުންނާ މެދު ކުރަމުން އަންނަ އުންމީދުތައް ޙަޤީޤަތަކަށް ހަދަން މުރާލިކަމާ އެކު ތެދުވުމަށާއި، ޒުވާނުންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބި ހެޔޮލަފާ ޚުލްޤު ރަނގަޅު ބަޔަކަށް ވުމަށާއި، މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނޭއްގާނީ ޢަމަލުތަކުން އެއްކިބާވާށް ނަސޭހަތްތެރިވެފައެވެ.




