އެމެރިކާއާއި އީރާނާ ދެމެދު އުފެދުނު ހަނގުރާމައިގެ ހާލަތާ ގުޅިގެން މެދުކަނޑާލާފައިވާ އިއްތިހާދު އެއާވޭސްގެ ދަތުރުތައް، މިއަދުން ފެށިގެންމ ވަކި މަންޒިލްތަކަކަށް އަލުން ފެށުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.
މި ދަތުރުތައް ކުރުމަށް މިހާރު ތާވަލުކޮށްފައިވަނީ މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިއްތިހާދު އެއަރލައިނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ދަތުރުތައް އަލުން ފެށުމަށް ނިންމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ އެންމެހާ ކަންކަން ފުރިހަމައަށް ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.
މި ނިންމުމާއެކު އިއްތިހާދު އެއަރލައިނުން އަބޫދާބީއާއި ދުނިޔޭގެ މުހިންމު 25 މަންޒިލަކާ ދެމެދު ދަތުރުތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ލަންޑަން، ނިއުޔޯކް، ފްރެންކްފަޓް، މިލާން، ޕެރިސް، ޓޮރޮންޓޯ، ކުއާލަލަމްޕޫރު، ކޮލަމްބޯ އަދި ބެންކޮކް ފަދަ ބޮޑެތި ސިޓީތައް ހިމެނެއެވެ.
ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރު ނުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދީގެން ޖާގަ ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ފެބުރުވަރީ 28 ގެ ކުރިން ޓިކެޓް ނަގާފައިވާ އަދި 21 މާޗާ ހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް، އެއްވެސް އިތުރު ފީއަކާ ނުލައި 15 މެއި 2026 ގެ ކުރިން ދަތުރުގެ ތާރީޚު ބަދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން، މިމަހުގެ 21 އާ ހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް ދަތުރު ކެންސަލްކޮށް ރީފަންޑަށް އެދުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. ރީފަންޑަށް އެދޭ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ނުވަތަ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް އެކަން ކުރިއަށް ގެންދެވޭނެއެވެ.
އިއްތިހާދު އެއާވޭސްއިން އިތުރަށް ބުނީ، މިވަގުތު ކޯލް ސެންޓަރުތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާތީ، ރީފަންޑަށް އެދޭ ފަރާތްތަކުން ވީހާވެސް ބޮޑަށް އޮންލައިން ފޯމު ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.




