ކުރިޔަށް އޮތް ފަސް ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ، ރާއްޖ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން މާދަމާ އިން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ، ކުރިޔަށް އޮތް ފަސްދުވަހު އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
Southwest monsoon is likely to intensify over the Maldives in the coming days. pic.twitter.com/bcPSoDyK6f
— Maldives Meteorology (@MetMaldives) May 15, 2024
މެޓް އޮފީހުން ވަނީ، ހުރިހާ ފަރާތްތަކުން ވެސް ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ގެއްލުންތައް ކުޑަކުރަން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މޫސުމަށް ސަމާލުކަންދީ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވާއިރު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(ޢެންއެމްޑީއޭ)އިން ވެސް ވަނީ، ވިއްސާރައާއި ގުޅިގެން ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދުރާލާ އެޅިދާނެ ފިޔަވަޅު ތަކުގެ އިރުޝާދުތައްވެސް ދީފައި ވެއެވެ. އޭގެތެރޭގައި ގޭދޮރުމަތީގައި ވެލި ބަސްތާޖެހުމާއި، ގޭގައި ހުންނަ އަގު ބޮޑޫ މުދާ ފެން ނުޖެހޭ ހިސާބުގައި ބެހެއްޓުމާއި،ކަރަންޓު ސާމާނު ބޭނުންކުރާ ވަގުތުތަކުގައި ކަރަންޓ ކަނޑާފައި ބެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.
މޫސުން ގޯސްވާނެކަމަށް ލާފާކުރެވޭތީ ދެވޭ ރައްކާތެރިކަމުގެ ޢިރުޝާދު pic.twitter.com/Wvq5hsKdeC
— NDMA Maldives (@NDMAmv) May 15, 2024
ރާއްޖޭގެ އެކި ސަރަހަައްދުތަކަށް މިހާރު ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންނެވެ. މި ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ފެންވަދެފައިވާއިރު، ބައެއް ރަށްރަށުގައި ގަދަވައިގެ ސަބަބުން ފުރާޅު އެއްލާލުމާއި ގަސްތައް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެއެވެ. މޫސުމާއި ބެހޭ އިދާރާއިން ދަނީ މޫސުން ކުރިޔަށް ލަފާކޮށް އެކި ސަރަހައްދުތަކައް ވަކި ވަކިން ސަމާލު ނެރެމުންނެވެ.


