ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް ވަގުތެއްގައި ފުލުހުންގެ ”ވޯކް އެންޑް ޓޯކް“ ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި ހަރަކާތަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް މަޝްވަރާކުރުމަށް ހިންގުނު މުހިންމު ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯދާފައެވެ.
މާލޭ ސަރަޙައްދުގައި މި ހަރަކާތް ކުރިއަށްދިޔަ ވަގުތު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު ފުލުހުންވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އަހުމަދު ޝިފާން ވިދާޅުވީ، މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރާ ހުރިހާ ފުލުހުންވެސް ބައިވެރިވެފައިވާ ކަމަށެވެ.
”މި ހަރަކާތުގެ ތެރެއިން އަޅުގަނޑުމެން ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމުގެ އިތުރަށް އެ ސަރަޙައްދެއްގައި، އެ ރަށެއްގައި ނުވަތަ ފުލުހުން އެ ޚިދުމަތްކުރާ ރަށެއްގައި، އަތޮޅެއްގައި އަޅުގަނޑުމެން ރަނގަޅުކުރަން ހުރި ކަންކަން ވަކިން ޚާއްސަކޮށް އަހައި، އަދި އަޅުގަނޑުމެންވެސް ރިކޯޑްކުރާނެ ވަކި މެކޭނިޒަމެއް ބޭނުންކޮށްގެން އެކަންކަން އަޅުގަނޑުމެން ހޯދުމަށްފަހު، ދުރު މުސްތަޤުބަލުގައިވެސް ހައްލުކުރަން ހުރި ކަންކަމާގުޅޭގޮތުން އަޅުގަނޑުމެން މަސައްކަތްކުރާނަން،“ މި ހަރަކާތުގެ މަޤްޞަދާ ގުޅޭގޮތުން އޭސީޕީ ޝިފާން ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުން ވަނީ ގޭގެއަށް ޒިޔާރަތްކޮށް އަދި މަގުމަތިން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ބަދަލުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުވެސް މާލޭ ސަރަހައްދުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، ފުލުހުން ބުނިގޮތުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި ތަހުގީގުތަކަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމުގެ މަސައްކަތް މުސްތަޤުބަލުގައިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.



