ނިއުރޯ ސާޖަރީ ނުވަތަ ނާރުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ ވަސީލަތެއް ކަމަށްވާ ”އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން“ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ތައާރަފްކޮށްފިއެވެ.
މިއީ ސާޖަރީ ކުރަމުންދާ ވަގުތު ބަލިމީހާގެ ނާރުތަކުގެ މަސައްކަތް ހުންނަ ގޮތް ވަގުތުން ބަލައިލެވޭނެ ވަސީލަތެކެވެ.
މި ވަސީލަތް ބޭނުންކުރަން ފެށުމުން އޮޕަރޭޝަން ކުރަމުންދާއިރު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެވި، އެފަދަ ނުރައްކާތަކުން ބަލިމީހާ ސަލާމަތްކުރުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ނިއުރޯ ސާޖަރީ، ޑރ. އަލީ ނިޔާފް ވިދާޅުވީ އިންޓްރާ އޮޕަރޭޓިވް ނިއުރޯ މޮނިޓަރިންއަކީ ބަލިމީހާގެ ރައްކަލަށްޓަކައި ކޮންމެހެން ހުރުން މުހިންމު ވަސީލަތެއް ކަމަށެވެ.
”އޮޕަރޭޝަން ކުރަމުންދާއިރު ނާރަކާ ގާތްވެ ނާރަކަށް ގެއްލުން ލިބޭފަދަ ބަދަލެއް އަންނަނަމަ އެމެޝިނުން ޕަސެންޓޭޖާއެކު ދައްކާނެ،“ ޑރ. ނިޔާފް ވިދާޅުވިއެވެ.
ޑރ. ނިޔާފް އިތުރަށް ވިދާޅުވީ އާންމުކޮށް ކުރާ ކަނދުރާގެ ޑިސްކް ސާޖަރީއާއި މައިބަދައިގެ އޮޕަރޭޝަންތަކުގައިވެސް މި ވަސީލަތް ބޭނުންކުރެވޭނެ ކަމަށެވެ. އެގޮތުން މައިބަދައަށް އިސްކުރު ޖަހާއިރު، އެ އިސްކުރުގެ ސަބަބުން އިތުރު ނާރަކަށް ފިތޭނަމަ އެކަންވެސް މި މެޝިނުގެ އެހީގައި ފާހަގަކުރެވޭނެ ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ.
އައިޖީއެމްއެޗުން ބުނީ، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އައިޖީއެމްއެޗުން އަންނަނީ ފަހަކަށް އައިސް ޒަމާނީ ގިނަ ޚިދުމަތްތަކެއް ތައާރަފްކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ބަރުދަން ލުއިކުރުމަށް ކުރާ ބެރިއަޓްރިކް ސާޖަރީއާއި، ލޮލުގެ ފަރުވާއަށް ހާއްސަ ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތްވެސް ވަނީ އެ ހޮސްޕިޓަލުގައި ފަށާފައެވެ.



