ކ. ހުރާގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގަތެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޑރ. އަޒްވަރު ވިދާޅުވީ، ކ. އަތޮޅުގައި ހުރާ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް މިހާރު ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯ އިން ކަމަށެވެ. އަދި ހުރާގެ ހިދުމަތްތައް ވެސް ސްޓެލްކޯގެ އެހެން ރަށްރަށާ އެއް ފެންވަރަކަށް ތަރައްގީކޮށް، އެއް މިންގަނޑަކަށް ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަޒްވަރު އިތުރަށް ވިދާޅުވީ ހުރާގެ ހިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތް ފެނަކަ އާއި ރަށު ކައުންސިލާ ގުޅިގެން ވަރަށް އަވަހަށް ފަށާނެ ކަމަށާއި، މާދަމާ އިން ފެށިގެން ގޭގޭގެ ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރިއަށް ގެންދާނެ ކަމަށެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ ހުރާގެ ހިދުމަތްތަކަށް މި ބަދަލު ގެނައުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާ އެކު ކަމަށެވެ. ރައީސްގެ ވިސްނުންފުޅަކީ މުޅި ކ. އަތޮޅުގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަޖާހު އިތުރަށް ވިދާޅުވި ގޮތުގައި، އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން މި މަހުގެ ނިޔަލަށް ނިންމައި އެއްކޮށް ސްޓެލްކޯއާ ހަވާލުކުރެވޭނެއެވެ. ނަމަވެސް މިއަދުން ފެށިގެން ވެސް ހިދުމަތް ދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ނަޖާހު ދެއްވިއެވެ.



