ދިވެހި ރައްޔިތުންގެ ތާއީދާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ފާސްކުރާނެ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ތިން އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރެއްވި ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގެން އިސްލާހެއް ފާސްކުރެއްވޭނެ ކަމަށް ފެނިވަޑައިނުގަތުމުން އެކަން ފަހުން ދޫކޮށްލެއްވީ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީން މި އިސްލާހާ ދެކޮޅު ހަދަނީ 20 ވަނަ މަޖިލީހުގެ ދައުރުން ހަ މަސްދުވަސް އުނިވެ، އެ މުއްދަތުގެ މުސާރަ ގެއްލިގެންދާނެތީ ކަމަށެވެ.
”ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ކޮންމެހެން މި ގައުމަށް ފައިސާ ސަލާމަތްކުރަން އެކަނި ކުރާ ކަމެއް ނޫން. މި ގައުމަކީ ވަރަށް ބޮޑަށް ހަމަޖެހުން ބޭނުންވާ ގައުމެއް،“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ގައުމު ހަލަބޮލިކޮށް ބޭއްވުމަށް ކަމަށެވެ.
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، 20 ވަނަ މަޖިލީހުން ފާއިތުވި ކުރު މުއްދަތުގައި ކުރި މަސައްކަތްތައް 19 ވަނަ މަޖިލީހުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރުވާނެ ކަމަށެވެ. އަދި މިހާރުގެ މަޖިލީހުން ޗުއްޓީގެ ދުވަސްތަކުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ދެ މިލިއަން ޑޮލަރަށް ތިރިވެފައި އޮތް ނަމަވެސް، މި ސަރުކާރުން އެ ފަންޑު މިހާރު އެއް ބިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
އަދި އެމްޑީޕީއަށް އަލުން ވެރިކަން ލިބިއްޖެނަމަ އެ ފައިސާކޮޅު ވެސް ހުސްކޮށްލާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.




