އީރާނުން ބޭރުގައި އުޅޭ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން އިޒްރޭލާއި އެމެރިކާއަށް އެހީވެ އެއްބާރުލުން ދޭ މީހުންގެ މުދާ ދައުލަތަށް ނަގާނެ ކަމަށް އީރާންގެ ޖުޑީޝަރީން މިއަދު ބުނެފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަވާލާދީ ޖުޑިޝަރީގެ މިޒާން އޮންލައިން ވެބްސައިޓްގައި ބުނެފައި ވަނީ އެމެރިކާ އާއި ޒަޔަނިސްޓް ދުޝްމަނުންނާ ގުޅިގެން މަސައްކަތްކުރާ ބޭރުގައި ތިބި އީރާނު ރައްޔިތުންނަށް ގާނޫނީ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.
މި ފިޔަވަޅުތަކަކީ މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އެކުލަވައިލި ގާނޫނެއްގެ ދަށުން އަޅާ ފިޔަވަޅުތަކެއް ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލާއި އެމެރިކާގެ އިތުރުން ދުޝްމަނު ގައުމުތަކަށް އެއްބާރުލުން ދިނުމަކީ އިސްލާމީ ގާނޫނުލްއުގޫބާތުގެ ދަށުން ހުރިހާ މުދަލެއް އަތުލައި ގާނޫނީ އަދަބު ދޭންޖެހޭ ކުށެއް ކަމަށެވެ. އަދި އެފަދަ ދައުލަތްތަކާއި ޖަމާއަތްތަކާ ގުޅިގެން ޖާސޫސީ ނުވަތަ އިންޓެލިޖެންސް ހަރަކާތެއް ހިންގައިފި ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީގެ ލެއިން ގައުމުގެ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ބުނެފައެވެ. އަދި ހަނގުރާމައިގެ ދަނޑިވަޅުގައި ގައުމީ ސަލާމަތް ދެމެހެއްޓުމަށް ރައްޔިތުން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށްފައިވެއެވެ.
މިދިޔަ މަހުގެ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އަވަހާރަކޮށްލައި، އަސްކަރީ އަދި މަދަނީ ގިނަ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހަމަލާތަކުގައި ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އީރާނުން ދަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ރައްދުގައި ހަމަލާ ދެމުންނެވެ.
ނަމަވެސް، އީރާނުން ދޭ ބައެއް ހަމަލާތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުވަމުންދާތީ، ގަލްފުގެ ބައެއް ގައުމުތަކުން ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.




