ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ގުނަމުންދާއިރު، ބައެއް ކޮލެޖްތަކުން ތަރާވީޙް ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލްކުރާތީ ބައެއް ދަރިވަރުންގެ ޝަކުވާ ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަރާވީޙް ނަމާދު ގަޑީގައި ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން، އަޅުކަމަށް ހުރަސް ނޭޅޭ ގޮތަށް ކަންކަން ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
”އެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތައް ގެންދިއުން ވަރަށް މުހިންމު ކަމަށް ދެކެން،“މިނިސްޓަރު ވިދާޅުވިއެވެ.
ރޯދަ މަހުގެ ފަހު 10 އަކީ ރައްޔިތުންނަށް ވީހާ ވެސް ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރަން މަގުފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުން ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތަކެކެވެ.
ނަމަވެސް، ބައެއް އަމިއްލަ މުއައްސަސާތަކާއި ކޮލެޖުތަކުން މި ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފާކަން މިނިސްޓަރުގެ ވާހަކަފުޅުންނާއި އާންމުންގެ ޝަކުވާތަކުން ހާމަވެއެވެ.



