ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް ސާބިތުވެ، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރު ޔޫއެސް ބަންގްލާ ފްލައިޓުން ރާއްޖެއައި ބަންގްލަދޭޝް މީހަކު، އޭނާ ގެނައި ލެޕްޓޮޕް ދަބަހެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު އިއްވި ހުކުމުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން، އަދަބެއްގެ ގޮތުން އޭނާ އުމުރު ދުވަހަށް ޖަލަށްލުމަށާއި، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.



