އީދު ދުވަހު ސަލްޓަން ޕާކު އަލުން ހުޅުވައި، އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، އީދާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން، އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ”އީދު ހަވީރު“ ގެ ހަރަކާތްތައް ވެސް ސަލްޓަން ޕާކުގައި ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކުގެ އިތުރުން ޖުމްހޫރީ މައިދާނާއި ސުނާމީ ބިނާ ސަރަހައްދު ބަންދުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. ކުރިން މި ތަންތަން ހުޅުވުމަށް އީދު ފަހަށް ތާވަލުކުރެވިފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތަންތަނުގެ މަސައްކަތް އީދު ދުވަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. މި ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިއަހަރުގެ އީދު ހަވީރުގައި ސިޓީތަކާބެހޭ ވުޒާރާއާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިތުރުން ވިޔަފާރި ކުންފުނިތަކުން ބައިވެރިވާނެއެވެ. މިގޮތުން ތަފާތު ތީމުތަކަށް ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި، ކުޑަކުދިން ގަޔާވާނެ ފަދަ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ފެނިގެންދާނެއެވެ.




