އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ އިތުރުން، އީރާނުން ގަލްފްގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު، ކުވެއިތު އަދި ބަހްރައިން ހިމެނޭހެން ގަލްފްގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ.
ވަކިން ހާއްސަކޮށް، ގަލްފް ސަރަހައްދުގެ އެއަރޕޯޓްތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ގަލްފްގެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ހިންގާފައި ނުވަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާ ދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. މީގެ އިތުރުން، އިސްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދޭން ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވަމުންދާތީ އެކަމާ މެދުވެސް ދިވެހި ސަރުކާރުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިފަދަ ހަމަލާތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާކަން ފާހަގަކޮށް، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ދިވެހި ސަރުކާރުގެ ބަޔާން ނިންމާލަމުން ވަނީ، މެދުއިރުމަތީގެ ސަރަހައްދަށް ސުލްހައާއި ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް އިލްތިމާސްކޮށްފައެވެ.



