އެއާ އެމްބިއުލާންސް މެދުވެރިކޮށް މިހާތަނަށް 2270 ބަލިމީހުން ރައްކާތެރިކަމާއިއެކު އުފުލާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 1 މާރޗް 2024 ގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް ޚާއްސަކޮށްގެން ތައާރަފްކުރި ޚިދުމަތެކެވެ.
14 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ގާސިމް ވިދާޅުވީ، ދިވެހިރާއްޖޭގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
ޚާއްސަގޮތެއްގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެއާ އެމްބިއުލާންސްގެ ޚިދުމަތް ގާސިމް ފާހަގަކުރެއްވިއެވެ.
”ޚާއްސަގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށި 1755 ދަތުރުކޮށް 2270 ބަލިމީހުން ރައްކާތެރިކަމާއިއެކު އުފުލިފައިވާކަން މިއީ ދިވެހި ރައްޔިތުންގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް،“ އަޙްމަދު ގާސިމް ވިދާޅުވިއެވެ.
މި ޚިދުމަތުގައި ބޭނުންކުރަނީ ޑޭޝް 8 މަރުކާގެ އެއަރކްރާފްޓެކެވެ. މި ބޯޓުގައި ވެންޓިލޭޓަރާއި އިންކިއުބޭޓަރާއި މިނޫންވެސް ކުއްލި ޙާލަތަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. އަދި މި ޚިދުމަތް ދިނުމަށްޓަކައި ޚާއްސަ ތަމްރީން ލިބިފައިވާ ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވެއެވެ.
ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ތައިލޭންޑް އަދި ދުބާޢީއަށް ބަލިމީހުން އުފުލުމަށް ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހެލްތު މިނިސްޓްރީއާއި އައިލޭންޑް އެވިއޭޝަން އަދި އެންސްޕާ އިންނެވެ.



