އދ. ދިގުރަށުގައި ކަރަންޓުގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި، ޒަމާނީ ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ”ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ“ މަސައްކަތުގެ ތެރެއިން، އަލަށް ގާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭ.ވީ.އޭގެ އަޕްސްޓްރީމް ކެޕޭސިޓީ ގާއިމުކުރުމާއެކު، ރަށުގައި އައު ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުންކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މި ވިއުގައަށް ގެނެވޭ ބަދަލާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ހިދުމަތެއް ފޯރުކޮށްދެވޭނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ގާތްގަނޑަކަށް 600 މީހުންގެ އާބަދީއެއް އޮންނަ ދިގުރަށަކީ ގުދުރަތީ ރީތިކަން ލިބިފައިވާ، އަދި ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް 14 ވަރަކަށް ގެސްޓްހައުސް ހިންގަމުން އާދެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، ރަށުގައި ކަރަންޓުގެ ރައްކާތެރިކަން އިތުރުކުރެވުމަކީ ރަށުގެ ރައްޔިތުންނާއި އަދި ރަށުގައި ހިންގާ ތަފާތު ވިޔަފާރިތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.




