ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ މި ލޯނުގެ ދަށުން މިހާތަނަށް ޖުމްލަ 20,301,517 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ލޯނު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 5 ކުންފުންޏަކާއި، 44 ފިރިހެނުން އަދި 5 އަންހެނުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ލޯނަކީ ހަމައެކަނި ބިމުގައި ކުރާ ދަނޑުވެރިކަމަށް ހާއްސަ ލޯނެއް ނޫނެވެ. މީގެ ދަށުން ޒަމާނީ ދަނޑުވެރިކަމާއި، އެގްރޮފޮރެސްޓްރީ، ގަހުގެ ނާސަރީތައް ގާއިމުކުރުން އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުން ނުވަތަ ވެލިއު އެޑިޝަންގެ މަސައްކަތްތަކަށްވެސް ފައިސާ ދޫކުރެވެއެވެ.
މި ލޯނު ދޫކުރަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ އެއްލައްކަ ރުފިޔާއާ ހަމައަށް ދޫކުރާ ލޯނާއި، އެއްލައްކަ އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގަނީ 6 އިންސައްތައިގެ އިންޓަރެސްޓެކެވެ.
އެއްލައްކަ ރުފިޔާގެ ލޯނު ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭއިރު، ދެ މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ލިބެއެވެ.




