މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތަކުގައި ޖަޕާނުގެ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މިފްކޯގެ އިސް އޮފިޝަލުންގެ ވަފުދެއް ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ކުރި ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި، ޖަޕާނުގެ ކުންފުނިތަކުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމެވެ.
މި ބައްދަލުވުމުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ ޖަޕާނު މާކެޓުގައި މިފްކޯގެ އުފެއްދުންތަކަށް އަގު އިތުރުކުރުމަށާއި (ވެލިއު އެޑިޝަން)، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމުކުރުމަށް މިފްކޯއިން ފަށާފައިވާ މަސައްކަތްތަކަށެވެ. މި މަސައްކަތްތަކުގައި ޖަޕާނުގެ ކުންފުނިތައް ބައިވެރިކުރުވުމަށް އެމްބަސީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައިވެއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި އެމްބަސީގެ ފަރާތުން ވަނީ މިފްކޯގެ މި މަސައްކަތްތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިފްކޯއަކީ ދުނިޔޭގެ އެކި މާކެޓްތަކުގައި ދިވެހި މަހުގެ އުފެއްދުންތައް އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
އެގޮތުން ބައިނަލްއަޤްވާމީ މަސްވެރިކަމުގެ ފެއަރތަކުގައި ބައިވެރިވެ، ރާއްޖޭގެ އުފެއްދުންތަކަށް އައު މާކެޓްތައް ހޯދުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.




