އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރެނު ބަޔާނުގައި ވިދާޅުވީ ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ޚީލާފު ކަމެއް ކަމަށެވެ.
އަދި މިއީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއްގެ ގޮތުގައި މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓްރީން ވަނީ ދިވެހި ސަރުކާރުންވަނީ ބޭރު ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ، ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާއި އެކުގައި ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.
އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ކޮންސިއުލޭޓަށް މި ޑްރޯން ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ދަންވަރު ވަގުތެއްގައެވެ.




