ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ތާޢީދު ކުރައްވަނީ ހަމައެކަނި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމުން، އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ރައީސްގެ ތާއީދު އޮތް ކަމަށް ބުނެ ވާހަކަ ފަތުރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން އެކަން ސާފުކޮށްދެއްވުމަށް ރައްޔިތުން އެދިފައިވާތީ، އެއީ ކަނޑައެޅިގެން ދޮގެއްކަން ހާމަކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު ތާޢީދުކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓްގައި. ޚާއްސަކޮށް މި ދާއިރާގައި (ހުޅުމާލެ ދެކުނު ދާއިރާ) އަށް ނިކުމެ ހުރި އެމްޑީޕީ ކެންޑިޑޭޓަށް އަޅުގަނޑު ތާޢީދު ކުރާ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް،“ރައީސް ވިދާޅުވި އެވެ.
އަދި އެމަނިކުފާނަކީ ޕާޓީ ނިޒާމު ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި، އެއްވެސް މިނިވަން ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން އެމަނިކުފާނުގެ ފުރިހަމަ ތާޢީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދު (އުބޭ) އަށް ކަމަށާއި ވޯޓު ދޭން ބޭނުންވަނީ ދޫންޏަށް ކަމަށެވެ.
އިންތިޚާބާ ގުޅޭގޮތުން ފަތުރަމުންދާ މިފަދަ ދޮގު ވާހަކަތައް އެއްވެސް ރައްޔިތަކު ގަބޫލުނުކުރެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.



