އަންނަ ޖޫން މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް އެމެރިކާއަށް ދަތުރުކުރާ އީރާން ޓީމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
އިންފަންޓީނޯ މިހެން ވިދާޅުވީ ދާދި ފަހުން ރައީސް ޓްރަމްޕާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.
އެމެރިކާއާއި އިސްރާޢީލް ގުޅިގެން އީރާނަށް ދިން ހަމަލާތަކާއި، އެ ހަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ ޝަހީދުކޮށްލާފައި ވުމާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ހާލަތުގެ ސަބަބުން، އީރާން ޓީމު މުބާރާތުގައި ބައިވެރިވާނެތޯ ވަނީ ސުވާލު އުފެދިފައެވެ. މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި ވެސް އީރާން ޓީމަށް އެމެރިކާއިން މަރުޙަބާ ކިޔާނެ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.
”މި ދަނޑިވަޅަކީ، ފީފާ ވޯލްޑް ކަޕް ފަދަ ބޮޑު ހަރަކާތެއްގެ އެހީގައި މުޅި ދުނިޔެ ބަދަހިކުރަންވީ ވަގުތު،“ އިންފަންޓީނޯ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފުޓުބޯޅައަކީ މުޅި ދުނިޔެ އެއްބައިވަންތަކުރުވާ ހަރަކާތެއް ކަމަށާއި، މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޓްރަމްޕް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕުގެ ގްރޫޕް ޖީގައި އީރާން ހިމެނޭއިރު، އެ ގްރޫޕުގައި ދެން ހިމެނެނީ މިސްރު، ބެލްޖިއަމް އަދި ނިއުޒިލޭންޑެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗު ވެސް އީރާނުން ކުޅެން ހަމަޖެހިފައިވަނީ އެމެރިކާގެ އެކި ސިޓީތަކުގައެވެ.
ނަމަވެސް، އީރާނުގެ ފުޓުބޯޅަ ފެޑެރޭޝަނުން އަދި މުބާރާތުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް ވިދާޅުވީ، އެމެރިކާއާއި އިސްރާޢީލުން ދިން ނިރުބަވެރި ހަމަލާތަކުގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި، ވޯލްޑް ކަޕާ މެދު ވިސްނައި އުއްމީދުކުރުމަކީ މިވަގުތު ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.


