އެލައިޑް އިންޝުއަރެންސްއިން ކުރިއަށްގެންދާ ”އެލައިޑް އައިފޯން ޑްރޮޕް” ޕްރޮމޯޝަނާ ގުޅުވައިގެން އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ސްކޭމްތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އެލައިޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މީސް މީޑިއާގެ ވަގު އެކައުންޓްތައް މެދުވެރިކޮށް މި ގިވްއަވޭގެ ބައިވެރިންނަށް މެސެޖްކޮށް، ގޫގުލް ފޯމެއް ފުރިހަމަ ކުރުމަށް އެދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެލައިޑުން ވަނީ އާންމުންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ.
”އެލައިޑް އިންޝުއަރެންސް އިން މި ގިވްއަވޭގެ ބައިވެރިންނަށް ގޫގުލް ފޯމެއް ނުވަތަ އިތުރު ލިންކެއް ނުފޮނުވާނެ. އެ ފޯމް ފުރައިގެން ނުވަތަ ލިންކް މެދުވެރިކޮށް އާއްމު މައުލޫމާތު ހިއްސާ ކުރުމަށް ބައިވެރިންނަށް ފޮނުވާ އެއްވެސް މެސެޖަކީ އެލައިޑާއި ގުޅުން ހުރި މެސެޖެއް ނޫން،“ އެލައިޑްގެ އެންގުމުގައި ބަޔާންކޮށްފައިވެއެވެ.
އެލައިޑުން ބުނީ، މިފަދަ ވަގު އެކައުންޓްތަކުން ފޮނުވާ އެއްވެސް ފޯމެއް ނުފުރުމަށެވެ. އަދި އަމިއްލަ އެއްވެސް މައުލޫމާތެއް އެފަދަ ލިންކްތައް މެދުވެރިކޮށް ހިއްސާ ނުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މި ޕްރޮމޯޝަނާ ގުޅޭ ހުރިހާ ރަސްމީ މުއާމަލާތްތަކެއް ކުރާނީ ހަމައެކަނި އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް allied.mv މެދުވެރިކޮށް ކަމަށްވެސް އެލައިޑުން ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، މި ގިވްއަވޭއާ ގުޅޭގޮތުން ޝައްކު ކުރެވޭ ފަދަ މެސެޖެއް ލިބިއްޖެ ނަމަ، އެ އެކައުންޓެއް ރިޕޯޓް ކުރުމަށްފަހު ވަގުތުން އެ ކުންފުންޏަށް އެކަން އެންގުމަށް ވެސް ވަނީ އެދިފައެވެ.
އެލައިޑުން ބުނީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، އޮންލައިން ސްކޭމްތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.




