ޓެކްސީލައިންގެ ޚިދުމަތަށް އަލަށް ނަގާފައިވާ މުވައްޒަފުން އެ ޚިދުމަތަށް އަހުލުވެރިކުރުވުމަށްޓަކައި ހާއްސަ ތަމްރީނުތަކެއް ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން ބުނިގޮތުގައި، މި ތަމްރީނުތަކުގެ މައިގަނޑު މަޤްސަދަކީ ޚިދުމަތް އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި، ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދަނީ އެމްޓީސީސީގެ ޓްރާންސްޕޯޓް ސާރވިސް ޑިވިޜަންގެ އިން-ހައުސް ޓްރެއިނަރުންނެވެ.
މިއަދުވެސް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، ޓެކްސީލައިންގެ ޚިދުމަތުގެ ސްޓޭންޑަޑް އޮޕޭރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) ތަކަށް މުވައްޒަފުން އަހުލުވެރިކުރުވާފައިވެއެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި، ކަސްޓަމަރުންނަށް ޕްރޮފެޝަނަލްކޮށް ޚިދުމަތް ދޭނެ ގޮތްތަކާ ގުޅޭގޮތުން މުވައްޒަފުންނަށް ވަނީ މައުލޫމާތު ދީފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ 150 ކާރު މިހާރު ވަނީ ރާއްޖެ ގެނައުމުގެ މަގުމަތީގައެވެ. އަދި އަމާޒަކީ ރަމަޟާން މަސް ނިމުމުގެ ކުރިން މި ޚިދުމަތް ރަސްމީކޮށް ފެށުމެވެ.
ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 285 ޑްރައިވަރުންނާއި، ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުންނެވެ.
ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ޓީމުގެ ހުރިހާ މުވައްޒަފުންނަކީ ފަންނީ ގޮތުން ޤާބިލު އަދި ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް އިސްކަންދޭ ކަމަށް އެމްޓީސީސީން ބުނެއެވެ.




