އދ. ދިގުރަށުގައި ބިދޭސީންތަކެއް ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އެރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 2:00 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ތަހުގީގަށް މާލެ އިން ހާއްސަ ޓީމެއް އެރަށަށް ދިއުމަށް ހަަމަޖެހިފައިވާ ކަމަށާއި، މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭ ކަމަށެވެ.




