ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން ދިޔަ ނަމަވެސް، މަރުގެ ވަގުތު ޖެހެންދެން ހެޔޮ އަމަލުތައް ކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކަށް އޮތް ކަމެއް ނޫން ކަމަށާއި، އެއީ މުޅި ހަޔާތުގައި ދަމަހައްޓަންޖެހޭ ކަމެކެވެ.
ހުތުބާގައި ބުނިގޮތުގައި، މާތް ﷲ އިންސާނުން ޚަލްޤުކުރައްވައި އަޅުކަން ކުރުން ވާޖިބު ކުރައްވާފައިވަނީ މުޅި އުމުރަށެވެ. ރަމަޟާން މަހަކީ އަޅުކަންތައް އިތުރުކޮށް، ހެޔޮކަމުގެ މޫސުމުގެ ބޭނުން ހިފުމަށް ލިބުނު ފުރުސަތެއް ކަމަށާއި، އެ މަސް ނިމުމަކީ އަޅުކަންތައް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
”ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުމެވެ،“ ހުތުބާގައި ބުނެފައިވެއެވެ.
ރަމަޟާން މަހަށް ފަހު އަންނަ ޝައްވާލު މަހުގެ ހަ ރޯދައިގެ މުހިންމުކަމުގެ މައްޗަށްވެސް ހުތުބާގައި އަލިއަޅުވާލިއެވެ. ޝައްވާލު މަހުގެ ހަ ރޯދައަކީ ހެޔޮކަމަށް އެދޭ މީހުންނަށް ދެއްވި ބޮޑު ނިއުމަތެއް ކަމަށާއި، އެ ރޯދަތައް ހިފުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.(مَنْ صَامَ رَمَضَانَ، ثُـمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ) މާނައީ: ”ރަމަޟާންމަހު ރޯދަހިފައި އެއަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރުދުވަހު ރޯދަހިފިފަދައެވެ.
މީގެ އިތުރުން، ގިނަގިނައިން ތައުބާވެ އިސްތިޣުފާރު ކުރުމަށްވެސް ހުތުބާގައި ބާރުއެޅިއެވެ. މާތް ﷲ އީ ތައުބާވާ މީހުންގެ ތައުބާ ގަބޫލުކުރައްވާ، ކޯފާއަށްވުރެ ރަހުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެކަން ފާހަގަކޮށް، އެކަލާނގެ ރަހުމަތުގެ ދޮރުކޮޅަކީ ކޮންމެ މީހަކަށްވެސް ހުޅުވިފައިވާ ދޮރުކޮޅެއް ކަމަށް ހުތުބާގައި ބުންޏެވެ.
ރަމަޟާން މަހު ފަރުޟު ފަސް ނަމާދަށް ރައްކާތެރިވި ފަދައިން، އެ މަސް ނިމުމަށްފަހުވެސް އެގޮތުގައި ދެމިތިބުމަށް ހުތުބާގައި އިލްތިމާސްކުރިއެވެ. އަދި ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުމަށާއި، ކިތަންމެ މަދުން ނަމަވެސް ހުއްޓާނުލައި ހެޔޮ އަމަލުތައް ކުރުމަކީ ނަބަވީ މަންހަޖު ކަމަށް ބުންޏެވެ.
ނަރަކައިގެ ބިރުވެރިކަމާއި އަލިފާނުގެ އަޒާބުން ސަލާމަތްވުމަށްޓަކައި ހެޔޮ އަމަލުތަކުގައި ހީވާގިވުމަށް ހުކުރު ހުތުބާގައި ވަނީ ގޮވާލާފައެވެ.



