މި މަހުގެ ތެރޭގައި ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ އިލެކްޓްރިކް ކާރުތަކުގައި ބޭނުންކުރާނީ ފެހި ކުލައިގެ ނަންބަރު ބޯޑު ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމުން އެއީ އިލެކްޓްރިކް އުޅަނދެއްކަން އާންމުންނަށް ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ތައާރަފުކުރެވޭ މުޅިން އާ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު އަމިއްލަ ފަރާތްތަކުން ދެމުންދާ ޓެކްސީ ހިދުމަތްތަކުގައި ބޭނުންކުރަނީ ރީނދޫ ކުލައިގެ ނަންބަރު ބޯޑު ކަމަށެވެ.
އީވީ ތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމަށް ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޔާދަކުރަނިވި ހަކަތައަށް ދެއްވާ ހާއްސަ އަހަމިއްޔަތުކަމުގެ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބަދަލު ގެނައުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހާރު ގެނެސްފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވިއެވެ.



