އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ނިޔާވީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:00 އެހައިކަންހާއިރު އެވެ. ރިޕޯޓު ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. ނަމަވެސް، އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނިޔާވި ފަސް މީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
މީގެ އިތުރުން، މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިއަދު ވަނީ މާލެ ގެނެސްފައެވެ. އެ ދެ މީހުންނަށްވެސް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެޗްއާރްސީއެމް އިންވެސް މި މައްސަލަ ބަލަމުންދާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.
އެގޮތުން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.




