އިރާގަށް ވެއްޓުނު އެމެރިކާ ސިފައިންގެ ތެޔޮ އުފުލާ މަތިންދާބޯޓުން ދަތުރު ކުރި ހުރިހާ ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓަކޮމް) އިން ކަށަވަރުކޮށްދީފިއެވެ.
ކޭސީ-135 މަރުކާގެ މި މަތިންދާ ބޯޓު ވެއްޓުނީ އިރާގުގެ ގަޑިން އިއްޔެ މެންދުރުފަހު 2:00 އެހާކަންހާއިރު އެ ގައުމުގެ ހުޅަނގު ސަރަހައްދަށެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި އެމެރިކާ އަސްކަރިއްޔާގެ ހަ ސިފައިން ތިއްބެވެ. ބޯޓު ވެއްޓުނު ސަރަހައްދުން ފެނުނު މައުލޫމާތަށް ބިނާކޮށް ސެންޓަކޮމް އިން މީގެ ކުރިން ބުނެފައިވަނީ ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް، ފަހުން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ވަނީ ބޯޓުން ދަތުރުކުރި ހަ ސިފައިންވެސް މި ހާދިސާގައި މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އަސްކަރިއްޔާއިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ސެންޓަކޮމްއިން ބުނެފައިވަނީ، މިހާތަނަށް ބެލި ބެލުމުން މި ބޯޓު ވެއްޓުނީ ދުޝްމަނުންގެ ހަމަލާއެއްގެ ސަބަބުން ނޫން ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ދެ މަތިންދާ ބޯޓު ޖެހިގެން ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ދެވަނަ މަތިންދާބޯޓު ވަނީ ރައްކާތެރިކަމާއެކު އިރާގަށް ޖައްސާފައެވެ.



