އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މިއަދު ނިޔާވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ ކާކުކަން ދެނެގަތުމަށް އާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި އެމީހާ ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 16:41 އެހައިކަންހާއިރެވެ.
މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުުލުހުން ބުނީ، އެ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް ކަމަށެވެ. އޭނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިން ޕަރސަންސް ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައި ހިއްސާ ކުރުމަށެވެ.




