ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އަލަށް ދިން މުއްދަތަކީ މާދަމާގެ ދަންވަރު 12:00 އާ ހަމައަށެވެ.
އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ މިދިޔަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
މި އިންތިޚާބުގައި އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ އާންމު ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mvޕޯޓަލް މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ ”ސިމެދަ ޕޯޓަލް“ މެދުވެރިކޮށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހޭނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ފާސްދޫކުރުމުގައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކޮންމެ ސިޔާސީ ޕާޓީއަކަށާއި ޖަމްޢިއްޔާއަކަށް ފާސް ދޫކުރެވޭނީ އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 އިންސައްތައަށްވުރެ އިތުރުނުވާ ގޮތަށެވެ. އޮބްޒާވަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި ޕޯޓަލްއިން އަންގާނެ ކަމަށާއި، ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މިހާތަނަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދިފައެވެ. އެގޮތުން، އިންތިޚާބު މޮނިޓަރކުރުމަށް އެދި 3,091 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އޮބްޒާވަރުންނަށް ވުމަށް 1,400 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ހުށަހަޅާފައެވެ.
މި އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.




