މާލޭގެ ބާޒާރުގައި މިރުސް ތިޔާގިވެ، މިރުހުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.
މިރުހަކީ ކޮންމެ އަހަރެއްގެ ރަމަޟާންމަހަކުވެސް އާންމުންގެ ޑިމާންޑު އެންމެ ބޮޑުވާ އެއް ބާވަތަށް ވާއިރު، މީގެކުރިން ބައެއް އަހަރުތަކުގެ ރަމަޟާންމަހު މިރުހުގެ އަގު އަތްނުފޯރާ ފަށަށް އުފުލިގެން ގޮސްފައިވެއެވެ.
މިއަދު ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު، 100 ގްރާމް މިރުސް ލިބެން ހުރީ 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މިއީ ރަމަޟާންމަސް ފެށުނުއިރު މިރުސް ހުރި އަގަށް ބަލާއިރު ބޮޑު ހެޔޮވުމެކެވެ. ރަމަޟާންމަސް ފެށުނުއިރު ބާޒާރުގައި 100 ގްރާމް މިރުސް ވިއްކަމުންދިޔައީ 50 ރުފިޔާއަށެވެ.
މިރުހުގެ އަގު ހެޔޮވި ނަމަވެސް، މިއަހަރު ބާޒާރުގައި ކަރާގެ އަގު ހުރީ މަތިކޮށެވެ. ރަމަޟާންމަސް ފެށުނުއިރު ކަރާ ކިލޯއެއް 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދު ލިބެން ހުރި ނަމަވެސް، މިއަދު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ވަނީ 35 ރުފިޔާއަށް އުފުލިފައެވެ.
ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގުތައް މި މަހު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި އިރު، ކުއްޅަފިލާފަތް ބޮނޑިއެއް 15 ރުފިޔާއަށް، ލެޓިއުސް ކިލޯއެއް 60 ރުފިޔާއަށް އަދި ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
ބާޒާރުގެ އެހެން ބައެއް އަގުތަކަށް ބަލާއިރު، އަނބު ކިލޯއެއް 70 އާއި 100 ރުފިޔާއާ ދެމެދު ހުރިއިރު، އަލަނާސިގަނޑެއް 65 ރުފިޔާއަށް އަދި އާފަލާއި އޮރެންޖެއް 6 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ކެބެޖް އަދި ކެރެޓް ކިލޯއެއް 30 ރުފިޔާއަށް، ބަޓާނާ ކިލޯއެއް 40 ރުފިޔާއަށް، ޓޮމާޓޯ ކިލޯއެއް 35 އާއި 65 ރުފިޔާއާ ދެމެދު އަދި ކައްޓަލަ ކިލޯއެއް 60 ރުފިޔާއަށް ބާޒާރުގައި ލިބެން އެބަހުއްޓެވެ.
މި ރަމަޟާންމަހު ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިތަކެތި މާލެއެކޭ އެއް އަގެއްގައި ރަށްރަށުން ލިބޭނެ ގޮތްވެސް ވަނީ މަގުފަހިކޮށްދީފައެވެ.
ޚާއްޞަކޮށް ބާޒާރުގައި އޮރެންޖުގެ އަގު 15 ރުފިޔާއަށް އުފުލުމާ ގުޅިގެން، އެސްޓީއޯއިން ވަނީ އޮރެންޖު ޝިޕްމަންޓެއް ގެނެސް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.
މީގެ ސަބަބުން މިހާރު ބާޒާރުގައި އޮރެންޖެއްގެ އަގު ވަނީ 6 ރުފިޔާއަށް ތިރިވެފައެވެ.



