ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު ރާއްޖޭގެ ވައި ސާފުވަމުން އަންނަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހަށް ބަލާއިރު ވެސް ރާއްޖޭގެ ވައިގެ ސާފުކަން އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.
ވައިގެ ސާފުމިން ބަލާ ”އައިކިއު އެއާ“ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވައިގެ ސާފުކަން ހުރީ އާދައިގެ މިންވަރެއްގައެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ވައިގެ ސާފުކަން 60 ގައި ހުރިއިރު، މާލެ ސަރަހައްދުގައި ހުރީ 55 ގައެވެ. އަދި އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ވައިގެ ސާފުކަން ހުރީ 33 ގައެވެ.
މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ވައި ނުރައްކާ މިންވަރަކަށް ނުސާފުވެފައިވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބޭރަށް ނިކުންނައިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ވައި ސާފުވުމާއެކު މޫސުން ވެސް ރަނގަޅުވެފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ވައި ޖެހޭނީ ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، ކަނޑުތައް ވެސް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.މޫސުން ރަނގަޅު ނަމަވެސް، މިއީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ.
މިއަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ހަނިމާދޫ އަދި ދެކުނުން ކާޑެއްދޫގައި އިހްސާސް ކުރެވޭ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި އިހްސާސްކުރެވޭ ހޫނުމިން 34.9 ގައި ހުރިއިރު، ކައްދޫގައި 34.5 އަދި އައްޑޫ ސިޓީ ގަމުގައި ހޫނުމިން ހުރީ 33.8 ޑިގްރީ ސެލްސިއަސްގައެވެ.




