ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން ނުފެންނަކަމަށް ބުނެ އިދިކޮޅު ސިޔާސީ ބޭފުޅުން ދައްކަމުން އަންނަ ވާހަކަތަކަށް ގަބޫލުކުރެވޭނެ ފަދަ ހެއްކެއް އަދިވެސް ދައްކާފައި ނުވާތީ، އެމްޑީޕީގެ ބޭފުޅުންނާއެކު އާއްމު ބަހުސަކަށް ވަޑައިގަތުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ދައުވަތު އަރުވައިފިއެވެ.
ޕީއެންސީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ލިބޭނެ ގެއްލުމެއް ވާދަވެރި އެއްވެސް ބޭފުޅަކަށް މިހާތަނަށް ވިދާޅުވެ ނުދެއްވޭ ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ހަގީގަތާ ހިލާފު ވާހަކަތައް ރައްޔިތުންގެ މެދުގައި ފެތުރުމަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
”ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައިިގެން ގައުމަށް ލިބޭނެ ގެއްލުމެއް އިދިކޮޅު އެއްވެސް ފަރާތަކަށް ބުނެއެއްް ނުދެވޭނެ. އަޅުގަނޑު މިހުރީ އެކަމުގައި އިދިކޮޅު ފަރާތްތަކުން ބަހުސް ކުރައްވާ ބޭފުޅުންނާ އެކީގައި ޓީވީ ލައިވްގައި އާއްމު ބަހުސަކަށްދާން ތައްޔާރަށް.“ ފަލާހް ވިދާޅުވިއެވެ.
އަދި ދެ އިންތިހާބު އެއްކޮށްލުމުން ރާއްޖޭގެ މުސްތަގްބަލަށް ލިބޭނެ ފައިދާ ސާބިތުކޮށްދޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ މި ބަދަލުގެ ސަބަބުން ޒައްރެއްގެ މިންވަރުގެ ގެއްލުމެއް ވެސް ލިބޭނެ ކަމަށް އިދިކޮޅަށް ބުނެނުދެވޭނެ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، މީގެ ސަބަބުން ގައުމުގެ ހަމަޖެހުން ގާއިމުވެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްކަން ފަލާހު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ ސަޕޯޓު އޮތް ނަމަ އިންތިހާބާ މެދު ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ފަލާހު ވަނީ ސުވާލު އުފައްދަވާފައެވެ.
ފަލާހު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ތެދުވެރި ނިޔަތް އޮތީ ޕީއެންސީގައި ކަމަށްވާތީ، ކުރިއަށް އޮތް އިންތިހާބުގެ މެޖޯރިޓީ އެ ޕާޓީއަށް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.



