އައްޑޫ ސިޓީގައި ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރިން ސްކޫލެއް އެޅުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ.
ނަޖާޙް ވިދާޅުވީ، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު މިކަމަށް ބޭނުންވާ ލިޔެކިޔުންތައް އައްޑޫ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ބިން ހަމަޖެހުނުހާ އަވަހަކަށް ޢަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އެއިރުން ފެނަކައިގެ އެކިއެކި އޮފީސްތައް ހުންނަ ފަދައިން ޓްރެއިނިން ސްކޫލެއް އެޅުމާއި އެކީގައި ފެނަކައިގެ ހުރިހައި ޓެކްނިކަލް ޓްރެއިނިންގތަކެއް އެއީ ފެނާއި ނަރުދަމާއާ ރިލޭޓެޑްވިއަސް ނުވަތަ ކަރަންޓާއި ރިލޭޓެޑްވިއަސް ނުވަތަ ސޯލާއާއި ރިލޭޑެޓްވިއަސް މި ހުރިހައި ދާއިރާތަކެއްގެ ޓެކްނިކަލް ޓްރެއިނިންގ އަޅުގަނޑުމެން އައްޑޫ ޓްރެއިނިން ސްކޫލުން ދޭނެ،“ މި ސްކޫލާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ނަޖާޙް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ބޭރުގެ ކުންފުންޏަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ އޮތޮރައިޒްޑް ޓްރެއިނިންގ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ސްކޫލް ވެގެންދާނީ ފެނަކަ މުވައްޒަފުންގެ ތަރައްޤީގެ މައި ހަބަކަށެވެ. މީގެ ސަބަބުން އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފެނަކައިގެ ޓެކްނިކަލް ޓީމުތަކަށް ބޭނުންވާ ސެޓިފިކޭޝަނާއި ތަޖުރިބާ ފޯރުކޮށްދެވޭނެއެވެ.
ފެނަކައިން ޤަބޫލުކުރާ ގޮތުގައި މިފަދަ ތަމްރީންތަކުގެ ސަބަބުން ޖަނަރޭޓަރުތައް ހަލާކުވާ މިންވަރު މަދުވެ، ޚިދުމަތް މެދުކެނޑޭ ވަގުތު ނުވަތަ ޑައުންޓައިމް ކުޑަކުރެވޭނެއެވެ. މީގެ އިތުރުން، މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ އިތުރުވެ، ކުންފުންޏަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.




