ސާބިއާގެ ބެލްގްރޭޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ބެލްގްރޭޑް އެކްސްޕޯ 2027″ ގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ބެލްގްރޭޑްގައި ބޭއްވި ދެވަނަ އަހަރީ ޕްލޭނިން ބައްދަލުވުމުގެ ތެރެއިންނެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.
”ޕްލޭ ފޯ ހިއުމަނިޓީ: ސްޕޯޓް އެންޑް މިއުޒިކް ފޯ އޯލް“ މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ 2027 ވަނަ އަހަރުގެ މެއި 15 އިން އޮގަސްޓް 15 އަށެވެ.
މި ހަރަކާތުގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، އެކްސްޕޯ ބަލާލުމަށް ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެކްސްޕޯގެ އިބްތިދާއީ ޕްލޭނިންގް މަރުހަލާ ނިމި، އަމަލީ ގޮތުން ތައްޔާރުވުމުގެ ދެވަނަ މަރުހަލާ މިވަނީ ފެށިފައެވެ. މީގެ ކުރިން ބޭއްވުނު ބައިނަލްއަގުވާމީ މަޝްވަރާތަކަށް ބިނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ދިވެހި ސަގާފަތާއި އަމިއްލަވަންތަކަން ދުނިޔެއަށް ދައްކާލުމަށް މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ.
މި އެކްސްޕޯއަކީ ބޯލްކަން ސަރަހައްދާއި މުޅި ވިލާތުގެ މާކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، މި އެކްސްޕޯގެ ތައްޔާރީތައް ކުރިއަށްދަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށެވެ.
އަދި މި ގުޅުމުގެ ސަބަބުން ފަތުރުވެރިކަމާއި، ސަގާފަތާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ގައުމީ އަމިއްލަވަންތަކަން އެއް މަންސައަކުން ދުނިޔެއަށް ދައްކާލުމަށް ފަސޭހަވެގެންދާނެކަމަށްވެސް ޝިއުރީ ފާހަގަކުރެއްވިއެވެ.



