ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި އޮޅުވާލައިގެން ސްކޭމެއް ހިންގަމުންދާތީ، އެކަމަށް ސަމާލުވާން އެދިއްޖެއެވެ.
ގާސިމް އިބްރާހިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަމަޟާން ކޭޝް ސަޕޯޓުގެ ގޮތުގައި ބަލިކަށި ހުރިހާ އާއިލާތަކަށް 50,000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ބުނެ ވަޓްސްއެޕް ގްރޫޕްތަކާއި ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.
މި ސްކޭމް ހިންގުމުގައި އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއަކާއި ސުވާލުތަކެއް ހިމެނޭ ލިންކެއް ބޭނުންކުރަމުންދާކަން ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ އެއީ އޭނާއާ އެއްވެސް ގުޅުމެއް ނެތް، ސައްހަ ނޫން މުއާމަލާތެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ރައްޔިތުންނަށް އޮޅުވާލައިގެން ހިންގާ ނޭއްގާނީ އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
”މިފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކު ދެރަ ނިކަމެތި ގޮތް ދިމާވަމުންދެއެވެ،“ ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ މި މައުލޫމާތު ހިއްސާކުރެއްވީ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ކަމަށެވެ. އަދި މިފަދަ ނޭއްގާނީ އަމަލުތަކުން ދިވެހި މުސްލިމު މުޖުތަމައު ސަލާމަތް ކުރެއްވުމަށް އެދި ގާސިމް ވަނީ ދުއާ ކުރައްވާފައެވެ.




