މާލޭގެ ބާޒާރުމަތީގައި މިހާރު ލޯކަލް މާރުކޭޓު ހިންގަމުންދާ ބިމުގައި ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީފެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ.
ޓްރަސްޓެންގ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީއެވެ.

މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 126.3 މިލިއަން ރުފިޔާއަށް، 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި އާ އިމާރާތް ފަރުމާކޮށްފައިވަނީ 6 ފަންގިފިލާއަށެވެ. އެގޮތުން އިމާރާތުގެ ބޭސްމަންޓް ޕާކިންގްއަށް ޚާއްޞަކޮށްފައިވާއިރު، ގްރައުންޑް ފްލޯގައި ހުންނާނީ މަސް މާރުކޭޓެވެ. އިމާރާތުގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފަންގިފިލާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް ޚާއްޞަކުރެވިފައިވާއިރު، ހަތަރުވަނަ ފަންގިފިލާގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފުޑް ކޯޓެކެވެ.

ސަރުކާރުގެ އަމާޒަކީ މިހާރު ބާޒާރުމަތީގައި ވަކިވަކި ބިންތަކުގައި ހިންގަމުންދާ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓު އަދި މަސް މާރުކޭޓުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމެވެ. މީގެ ސަބަބުން މިހާރު ދިމާވާ ޖާގައިގެ ދަތިކަމާއި، ތަރުތީބެއް ނެތި ޚިދުމަތް ދިނުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ބާޒާރުމަތީ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މީގެ ކުރިން ވަނީ އެ ސަރަޙައްދުގެ މަގުތައް ފުޅާކޮށް ތާރު އަޅާފައެވެ. އަދި ބަނދަރު ސަރަޙައްދަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ.



