ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ރާއްޖޭގެ އިސްލާމިން މިނިސްޓްރީއަށް ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަނީ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައެވެ.
މި ކަދުރު ރަސްމީކޮށް ހަވާލުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. އަދި މި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެ އާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އަދި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނުގެ މަސައްކަތްޕުޅަށް މިނިސްޓަރު ޝަހީމް ވަނީ ތަޢުރީފް ކުރައްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅު މިނިސްޓަރު ފާހަގަކުރެއްވިއެވެ.




