އއ. އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ތައްޔާރީތައް ފަށައިފިއެވެ.
އުކުޅަހަކީ 1100 މީހުންގެ އާބާދީއެއް ރެޖިސްޓްރީވެފައި އޮތް ރަށެއް ނަމަވެސް، ފަތުރުވެރިކަމާއި އެކި ސިނާއީ މަސައްކަތްތަކާއެކު އެރަށުގައި ދިރިއުޅޭ އާބާދީ 2000 އަށް އަރައެވެ.
އެރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، ދަތުރުފަތުރު ކުރުމަށް ކުރިމަތިވާ ތަކުލީފުތަކެވެ.
މީގެ އިތުރުން މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް އަނިޔާވުމާއި އުޅަނދުތަކަށް ގެއްލުންވުމުގެ މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ.
ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރިއަށްދާ މިރަށުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ އެންމެ ބޮޑެތި މަގުތަކާއި، ބަނދަރު ސަރަޙައްދު އަދި މުވައްސަސާތައް ހިމެނޭހެން ޖުމްލަ 10 މަގެއްގައި 2.68 ކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާނެއެވެ.
ދައުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ހިންގާ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
މަޝްރޫޢުގެ މިހާރުގެ ހާލަތަށް ބަލާއިރު، ޔުޓިލިޓީ ނެޓްވޯކްތަކާއި، ފެން ހިންދާ ނިޒާމު އަދި ޕޭމަންޓް ހެދުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތެވެ.
އެމްޓީސީސީން ބުނެފައިވަނީ މި މަސައްކަތް ނިމުމާއެކު ވަރަށް އަވަހަށް ތާރު ފަށަލަ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.



