ހއ.އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ އަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދެވެ.
އެމްޕީއެލްއިން ބުނީ، ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭ މެރީނާއެއް ތަރައްޤީކުރެވޭނެ ކަމަށެވެ. މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބިގެންދާނެ ކަމަށާއި، މީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް މި މެރީނާއިން އިން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލް އިން ބުނިގޮތުގައި އެ ކުންފުނިން ދަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.
އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ.
އުލިގަމަށް ޚާއްސަ އިޤްތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްޤީކޮށް މި ޚިދުމަތް ފުޅާކޮށް، އިޤްތިސާދީ ނަފާ ހޯދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް އެމްޕީއެލްއިން ބުންޏެވެ.



