ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދެގުނައަށްވުރެ އިތުރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 128 ޕްރައިވެޓް ޖެޓު ރާއްޖެއަށް ވަނީ ދަތުރުކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %166 ގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ އެންމެ 70 ޕްރައިވެޓް ޖެޓެވެ. އަދަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދެ ހަފުތާގައި ދުވާލަކު އެވްރެޖުކޮށް 5 ޖެޓު އައި ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި ދުވާލަކު އެވްރެޖުކޮށް 12 އަށްވުރެ ގިނަ ޖެޓު ރާއްޖެއަށް އާދެއެވެ.
އެމްއޭސީއެލްގެ ހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 3 ވަނަ ދުވަހަކީ އެންމެ ގިނަ ޖެޓު ރާއްޖެއަށް އައި ދުވަހެވެ. އެ ދުވަހު އެކަނިވެސް 18 ޕްރައިވެޓް ޖެޓު ރާއްޖެއަށް ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރު އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން އައި 9 ޖެޓާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ފާހަގަކުރެއެވެ.
މި ބަދަލު ފެނިފައިވަނީ އެ ސަރަހައްދުގެ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަންޖެހުމާ ގުޅިގެން ކަމަށް މަޓާޓޯއިން ވިދާޅުވިއެވެ.



