މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫއެރުމަކީ، ދުނިޔޭގެ އިޤްތިޞާދުތައް ތެލާއި ގޭހަށް ބަރޯސާވެފައިވާ މިންވަރުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އދ.ގެ މޫސުމާބެހޭ އޮފީހުން ސިފަކޮށްފިއެވެ.
އދ.ގެ މޫސުމާބެހޭ އޮފީހުގެ ސެކްރެޓަރީ ސައިމަން ސްޓީލް ވިދާޅުވީ، ތެލަށް ބަރޯސާވުން ނިމުމަކަށް ގެނެސް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރަން މިއަށްވުރެ ވަކިން ރަނގަޅު ވަގުތެއް ނެތް ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ދިރިއުޅުމުގެ ޚަރަދުތައް މަތިވެ، ޤައުމީ ސަލާމަތަށްވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި މަޝްވަރާކުރުމަށްޓަކައި، އަންނަ ހޯމަ ދުވަހު ވިލާތުގެ އިއްތިޙާދު (އީޔޫ) ގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ސްޓީލް ވަނީ ހަމަޖެހިފައެވެ. އީޔޫގެ ޤައުމުތަކަކީ ބޭނުންވާ ތެލުގެ 90 އިންސައްތަ އަދި ގޭހުގެ 80 އިންސައްތަ ބޭރުން އެތެރެކުރާ ޤައުމުތަކަކަށް ވުމާއެކު، ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ކުޑަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މި ބޮޑު ލޮޅުން އައީ، ޔަހޫދީންނާއި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ބޮން އެޅުމުގެ ވަރުގަދަ ކެމްޕޭނެއް ފެށުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ އެ ޤައުމުގެ އައްސޭރިފަށުގައި އޮތް، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ އުފުލާ މުހިންމު ކަނޑުއޮޅި ބަންދުކޮށްފައެވެ.
އީރާނުން މިހާރު ދަނީ އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ އެއްވެސް މުދަލެއް އެ ކަނޑުއޮޅިން ހުރަސްކުރުމުގެ ފުރުޞަތު ދިނުމަށް އިންކާރު ކުރަމުންނެވެ.
މިކަމުގެ ސަބަބުން ތެލާއި ގޭހުގެ ސަޕްލައި އިންތިހާއަށް ތާށިވެ، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.



